ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އިނގިރޭސިންނަށް ގެއްލިއްޖެ

image

ވޯލްޑް ކަޕް ގްރޫޕް "ޑީ" ނުވަތަ މަރުގެ ގްރޫޕުގައި އުރުގުއޭ އަތުން 2-1 އިން ބަލިވެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އިންގްލެންޑަށް ގެއްލިއްޖެއެވެ.

މިމެޗުގައި އުރުގުއޭއަށް ދެލަނޑުވެސް ޖަހައިދިނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލްގެ ނުރައްކާތެރި ފޯވާޑް ލުއިޒް ސްއަރޭޒްއެވެ. މިއީ މީގެ ހަތަރު ހަފްތާ ކުރިން ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ސްއަރޭޒް ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ލިވަޕޫލަށް ނިސްބަތްވާ ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި އިންގްލެންޑް ކޮޅަށް ލަނޑުޖެހި ފުރަތަމަ ފަހަރެވެ. މިމެޗުގައި އުރުގުއޭ ކޮޅަށް އިންގްލެންޑުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މެން.ޔުނައިޓެޑުގެ ފޯވާޑް ވޭން ރޫނީއެވެ. މިއީ ވޯލްޑް ކަޕުގެ ތާރިހުގައި ރޫނީ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

އުރުގުއޭ އަތުން ބަލިވުމުން ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އިންގްލެންޑަށް ގެއްލުނީ އުރުގުއޭގެ އިތުރުން ދެން މިގްރޫޕުގައި ހިމެނޭ އިޓަލީ އާއި ކޮސްޓަރިކާއަށް މަދުވެގެން ހަތަރު ޕޮއިންޓް ހޯދުމުގެ ފުރުސަތު އޮތުމުންނެވެ. މިހާރުވެސް މިއިން ކޮންމެ ގައުމެއް ވަނީ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. އިންގްލެންޑަށް އެންމެ ގިނަ ވެގެންވެސް ހޯދެން އޮތީ 3 ޕޮއިންޓެވެ. އެއީ ގްރޫޕް ސްޓޭޖްފަހު މެޗުގައި ކޮސްޓަރިކާ ބަލިކޮށްގެންނެވެ.

ދެވަނަ ބުރުން އިންގްލެންޑަށް ފުރުސަތު ލިބެން އޮތް ހަމައެކަނި ގޮތަކީ، މިފްރޫޕުގައި މިރޭ ކޮސްޓަރިކާ އަތުން އިޓަލީ މޮޅުވެ އަދި ގްރޫޕް ސްޓޭޖް ފަހު މެޗުގައި އިޓަލީ އަތުން އުރުގުއޭ ބަލިވުމާއެކު ކޮސްޓްރިކާ އަތުން 2 ލަނޑުގެ ތަފާތަކުން އިންގްލެންޑް މޮޅުވެގެންނެވެ.

އިޓަލީ އާއި ކޮސްޓަރިކާ އަދި އުރުގުއޭއަށްވެސް 3 ޕޮއިންޓް ލިބިފައިވާއިރު މިގްރޫޕުގެ ކުރީގައި ކޮސްޓަރިކާ އޮތީ ފައިދާ ދެލަނޑާއެކުއެވެ. އިޓަލީ ދެވަނައިގައި އޮތީ ފައިދާ 1 ލަނޑާއެކުއެވެ. އުރުގުއޭ ތިންވަނައިގައި އޮތީ ގެއްލުން 1 ލަނޑާއެކުއެވެ. މިތިންގައުމަށްވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް