ސައުވީސް އަހަރަށްފަހު ވޯލްޑް ކަޕުގެ ދެވަނަ ބުރުން ކޮލަމްބިއާ ޖާގަ ހޯދަނީ

image މިރޭގެ މެޗަށްފަހު ކޮލަމްބިއާގެ ކުޅުންތެރިން އުފާކުރަނީ

ވޯލްޑް ކަޕް ގްރޫޕް "ސީ" ގައި އައިވަރީކޯސްޓް މިރޭ 1-2 އިން ބަލިކޮށް، ސައުވީސް އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދުމާ ދިމާއަށް ކޮލަމްބިއާ މިސްރާބު ޖަހައިފިއެވެ.

ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ އަވަސް އެޓޭކިންގ ގޭމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑް ނެގީ ކޮލަމްބިއާ އިންނެވެ.

މިލަނޑު ކާމިޔާބު ކޮށްދިނީ ފްރާންސްގެ މޮނާކޯއަށް ކުޅެމުން އަންނަ ވިންގަރ ޖޭމްސް ރޮޑްރިގޭޒެވެ. އޭގެ 6 މިނެޓްފަހުން ކޮލަމްބިއާގެ ލީޑް ފުޅާކޮށްދިނީ ޕޯޗުގަލްގެ އެފްސީ ޕޯޓޯއަށް ކުޅެމުން އަންނަ ޒުވާން އެޓޭކިންގ މިޑްފީލްޑަރު ހުވާން ކްއިންޓެރޯއެވެ. މިއީ ކްއިންޓްރޯ ކޮލަމްބިއާއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިދެލަނޑަކީވެސް ކައުންޓަ އެޓޭކުގައި އުފެއްދި ދެހަމަލާއިން ކާމިޔާބު ކުރި ދެލަނޑެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅުނު އައިވަރީކޯސްޓުގެ ހަމައެކަނި ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޯމާގެ ފޯވާޑް ޖާވީނީއޯއެވެ. މިއީ ކޮލަމްބިއާގެ 4 ކުޅުންތެރިންގެ ކަޓުވާލުމަށްފަހު ޖާވީނިއޯ ކާމިޔާބު ކުރި ވަރަށް ހިތްގައިމު ލަނޑެކެވެ.

މިމޮޅާއެކު މިގްރޫޕުގެ ކުރީގައި ކޮލަމްބިއާ އޮތީ މިހާތަނަށް ކުޅުނު ދެމެޗުން ލިބުނު 6 ޕޮއިންޓާއި ފައިދާ 4 ލަނޑާއެކުއެވެ. ފުރަތަމަ މެޗުގައި ގްރީސްގެ މައްޗަށް ކޮލަމްބިއާ ކުރި ހޯދީ 3-0 އިންނެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ބަލިނުވެ ފަރުޖައްސާ ލައިފިނަމަ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާއަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.

ކޮލަމްބިއާ އަތުން ބަލިވިނަމަވެސް ގްރޫޕް ސްޓޭޖް ފަހު މެޗުގައި ގްރީސްގެ މައްޗަށް ކުރި ހޯދައިގެން ވޯލްޑް ކަޕުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އައިވަރީކޯސްޓަށް އޮތީ ވަރަށް ބޮޑަށް ހުޅުވިފައެވެ.

މީގެ ކުރިން އައިވަރީކޯސްޓް ވާދަކޮށްފައި ވަނީ 2010 އަދި 2006 ގެ ވޯލްޑް ކަޕުގައެވެ. މިދެފަހަރުވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް