އިންގްލެންޑާ ދެކޮޅަށް ސްއަރޭޒް ކުޅޭނެ – ތަބަރޭޒް

އަނިޔާގެ ސަބަބުން ލުގާނޯ ނުކުޅޭނެ
image ކަކުލުގެ އޮޕަރޭޝަނަށް ފަހު ސުއަރޭޒް ފަރިތަކުރުންތަކުގައި ބައިވެރިވަނީ. މިރޭ އޭނާގެ ޒިންމާ ވަރަށް ބޮޑު

މޮޅުވުން މަޖުބޫރު މެޗެއްގައި އިންގްލެންޑާ ދެކޮޅަށް އުރުގުއޭގެ ނުރައްކާތެރި ފޯވާޑް ލުއިސް ސްއަރޭޒް ކުޅޭނެކަމަށް ކޯޗް އޮސްކާ ތަބަރޭޒް ބުނެފިއެވެ.

އިންގްލެންޑާ ދެކޮޅަށް ސްއަރޭޒްގެ ބޭނުން ހިފާނެކަމަށް ތަބަރޭޒް ބުނެފައި މިވަނީ ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ކޮސްޓަރިކާ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް 3-1 އިން ބަލިވެ ދެވަނަ ބުރުން ޖާގަ ހޯދަން ބޭނުންނަމަ މިރޭ އިންގްލެންޑުގެ މައްޗަށް ކުރި ހޯދަން މަޖުބޫރުވެފައި ވަނިކޮށެވެ.

ކޮސްޓަރިކާއާ ދެކޮޅަށް ސްއަރޭޒްގެ ބޭނުން ހިފާފައި ނުވަނީ ދާދިފަހުން އޭނާ ކުރި ކަކުލުގެ އޮޕަރޭޝަނަށްފަހު މުޅިން ފިޓްނުވާތީ ކަމަށް ތަބަރޭޒް ކުރިން ވަނީ ބުނެފައެވެ. އަދި މިރޭ އިންގްލެންޑާ ދެކޮޅަށް ސްއަރޭޒް ކުޅެން އަރުވަން ނިންމީ އޭނާ މުޅިން ފިޓް ވެގެން ނޫންކަމަށްވެސް ތަބަރޭޒް ބުންޏެވެ.

"ސްއަރޭޒް ކުޅެން ނެރެން ނިންމީ %100 ފިޓްވެގެން ނޫން. އެކަމަކު މުޅިން ފިޓްނޫން ނަމަވެސް އޭނައަކީ ކޮންމެފަދަ ނަތީޖާއެއްވެސް ބަދަލު ކޮށްލަފާނެ ކުޅުންތެރިއެއް" އެންމެފަހުގެ ވޯލްޑް ކަޕް ސެމީފައިނަލަށް އުރުގުއޭ ގެންގޮސްދިން ކޯޗް ތަބަރޭޒް ބުންޏެވެ.

ތަބަރޭޒް ބުނީ މުޅިން ފިޓްނުވާތީ، މިދިޔަ ސީޒަނުގައި ލިވަޕޫލްގައި ސްއަރޭޒް ދެއްކި ވަރުގެ މޮޅު ކުޅުމެއް މިރޭ އިންގްލެންޑާ ދެކޮޅަށް އޭނާއަށް ނުދެއްކިދާނެ ކަމަށެވެ.ސްއަރޭޒްގެ ބޭނުން މިރޭ ހިފާނެކަމަށް ތަބަރޭޒް ބުނެފައިވާއިރު ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ޑިއޭގޯ ލުގާނޯއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށްވެސް ތަބަރޭޒް ބުންޏެވެ.

"ލުގާނޯގެ ވާތު ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިންގްލެންޑާ ދެކޮޅަށް އެކުލަވާލި ޓީމް ލިސްޓުން އޭނާ ބާކީކޮށްފިން" ތަބަރޭޒް ބުންޏެވެ.

ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު އުރުގުއޭއަށް ދެމެހެއްޓޭނީ މިރޭ އިންގްލެންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ފުރަތަމަ މެޗުގައި އިޓަލީ އަތުން 2-1 އިން ބަލިވެފައިވާ އިންގްލެންޑަށް ދެވަނަ ބުރުގެ އުއްމީދު ދެމެހެއްޓޭނީ މިރޭ އުރުގުއޭ ބަލިކޮށްގެންނެވެ.

1930 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާއި 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އުރުގުއޭ ވަނީ ކާމިޔާބު ކޮށްފައެވެ. އިންގްލެންޑް ވަނީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

ވޯލްޑް ކަޕުގެ ތާރިހުގައި އުރުގުއޭގެ މައްޗަށް އިންގްލެންޑަށް މިހާތަނަށް ކުރި ހޯދިފައެއް ނުވެއެވެ. ވޯލްޑް ކަޕް ކުއާޓާފައިނަލުގައި 1954 ވަނަ އަހަރު އިންގްލެންޑުގެ މައްޗަށް އުރުގުއޭއިން ކުރި ހޯދީ 4-2 އިންނެވެ. އަދި 1966 ވަނަ އަހަރު ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އިންގްލެންޑާއި އުރުގުއޭ މިރޭ ބައްދަލު ކުރާ ފޯރިގަދަ މެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 0:00 ގައެވެ. މިމެޗުގައި ރެފްރީކަން ކުރާނީ ސްޕެއިންގެ ރޮބާޓޯ އޮލޮންސޯއެވެ.

މިގްރޫޕުގައި ދެން ހިމެނޭ އިޓަލީ އާއި ކޮސްޓްރިކާ ބައްދަލު ކުރާނީ މާދަމާ ރޭ ރާއްޖޭ ގަޑިން 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް