ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ގްރޫޕް ސްޓޭޖުން ކަޓައިފި
ފާއިތުވެދިޔަ ފަސް އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރި އަދި އެންމެފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން ސްޕެއިން ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
2008 އަދި 2012 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން ވޯލްޑްކަޕް ގްރޫޕް ސްޓޭޖުން ކެޓީ ގްރޫޕް ސްޓޭޖް ދެވަނަ މެޗުގައި ޗިލީ އަތުން 2-0 އިން ބަލިވުމުންނެވެ. ސްޕެއިން ވަނީ ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.
މިއީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމެއް ޖެހިގެން އައި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި 5 ވަނަ ފަހަރެވެ. މީގެ އިތުރުން މިއީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމެއް ޖެހިގެން އައި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ދެމެޗުން ބަލިވި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗް ވިސެންޓް ޑެލްބޮސްކޭ ބުނީ މިއީ ސްޕެއިންގެ ފުޓްބޯޅައަށް ވަރަށް ހިތާމަވެރި ދުވަހެއްކަމަށާއި މުބާރާތުން ކެޓީ ސްޕެއިނަށްވުރެ މޮޅު ދެގައުމު އަތުން ބަލިވުމުންކަމަށް ގަބޫލް ކުރާކަމަށެވެ. "މިއީ ސްޕެއިންގެ ފުޓްބޯޅައަށް ހިތާމަވެރި ދުވަހެއް. އަހަރެމެން ބަލިވެ މުބާރާތުން ކެޓީ އަހަރެމެންނަށްވުރެ ވަރުގަދަ ދެގައުމު އަތުން ބަލިވުމުން. އެކަން ގަބޫލް ކުރަންޖެހޭ. ޗިލީ އާއި ނެދަލޭންޑްސްއަށް މަރުހަބާ ކިޔަން" އެންމެފަހުގެ ވޯލްޑް ކަޕާއި ޔޫރޯ ސްޕެއިނަށް ކާމިޔާބު ކޮށްދިން ކޯޗް ޑެލްބޮސްކޭ ބުންޏެވެ.
ސްޕެއިންގެ ކީޕަރު އީކަރ ކަސިޔަސް ބުނީ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަޒުމް ކުޅުންތެރިންގެ ކިބައިން ނުފެނުނު ކަމަށާއި ދެވަނަ ބުރުގެ ޖާގައެއް ސްޕެއިނަށް ހައްގު ނޫންކަމަށެވެ. "އަހަންނަށްވެސް ރަނގަޅު ކުޅުމެއް ނުދެއްކުނު. އަދި އެހެން ކުޅުންތެރިންގެ ފަރާތުންވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަޒުމް ފެނިގެނެއް ނުދިޔަ. ދެން އޮތީ ގްރޫޕް ސްޓޭޖްފަހު މެޗުން މޮޅުވެ ދެންވެސް ލިބެން އޮތް ރީތި ނަމެއް ހޯދުން" ކަސިޔަސް ބުންޏެވެ.
ސްޕެއިން އާއި ނެދަލޭންޑްސް އާއި ޗިލީ އަދި އޮސްޓްރޭލިޔާ ހިމެނޭ މިގްރޫޕް (ގްރޫޕް ބީ) އިން ދެވަނަ ބުރުން ޖާގަ ހޯދީ ނެދަލޭންޑްސް އާއި ޗިލީއެވެ. މިދެގައުމަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު ނެދަލޭންޑްސް ގްރޫޕުގެ ކުރީގައި އޮތީ ފައިދާ 5 ލަނޑާއެކުއެވެ. ޗިލީއަށް އޮތީ ފައިދާ 4 ލަނޑެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ނެދަލޭންޑްސް ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ. ސްޕެއިން ނުކުންނާނީ މުބާރާތުން ކަޓާފައިވާ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ހިޔާލު