ކެމަރޫން ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު ކްރޮައޭޝިޔާއިން ދަމަހައްޓައިފި
ވޯލްޑް ކަޕް ގްރޫޕް '"އޭ" ގައި ކެމަރޫން 4-0 އިން ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ކްރޮއޭޝިޔާއިން ދެމަހައްޓައިފިއެވެ.
ކެމަރޫން ކޮޅަށް ކްރޮއޭޝިޔާއިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ މަޝްހޫރު ފޯވާޑް މާރިއޯ މަންޑްޒުކިކެވެ. އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ އިވިކާ އޮލިޗާއި އިވާން ޕެރަސިކެވެ.
ކްރޮއޭޝިޔާއިން މުޅި މެޗް ކޮންޓްރޯލްކޮށް ކުޅުނުއިރު އެޓީމުން ލީޑް ނެގީ މެޗުގެ 11 ވަނަ މިނެޓުގައި އޮލިޗުގެ ލަނޑުންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކެމަރޫނަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 40 ވަނަ މިނެޓުގައި ތަޖުރިބާކާރު ޑިފެންޑަރު އެލެގްޒެންޑާ ސޯންގަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ކްރޮއޭޝިޔާއިން ދެވަނަ ލަނޑު ޖަހައި ލީޑް ފުޅާ ކުރީ 48 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޕެރިސިކެވެ. ކްރޮއޭޝިޔާގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު މަންޑްޒުކިކުގެ ފަރާތުން ފެނިގެންދިޔައީ 61 ވަނަ މިނެޓާއި 73 ވަނަ މިނެޓުގައެވެ.
މިމޮޅާއެކު ދެވަނަ ބުރުގެ އުއްމީދު ކްރޮއޭޝިޔާއިން ދެމެހެއްޓީ 3 ޕޮއިންޓާއި ފައިދާ ދެލަނޑާއެކުއެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި މެކްސިކޯ އަތުން މޮޅުވެއްޖެނަމަ ކްރޮއޭޝިޔާއަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. ގްރޫޕުގެ ދެވަނައިގައި މެކްސިކޯ އޮތީ 3 ޕޮއިންޓާއި ފައިދާ 1 ލަނޑާއެކުއެވެ. މިގްރޫޕުގެ ކުރީގައި 4 ޕޮއިންޓާއި ފައިދާ 2 ލަނޑާއެކު އޮތީ ބްރެޒިލްއެވެ.
ގްރޫޕް ސްޓޭޖް ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ. ކެމަރޫން ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.
ކިޔުންތެރިންގެ ހިޔާލު