ސްއަރޭޒަށް ޖިޔާން މާފުކޮށްފި
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އުރުގުއޭ ގޯލަށް ގާނާ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން އަތުން ޖެހި މައްސަލައިގައި އުރުގުއޭގެ ފޯވާޑް ލުއިސް ސްއަރޭޒަށް ގާނާގެ ކެޕްޓަން އަސޮމޯހް ޖިޔާން ހަތަރު އަހަރު ފަހުން މާފުކޮށްފިއެވެ.
އުރުގުއޭ އާއި ގާނާ 1-1 އިން އެއްވަރުވެފައި ވަނިކޮށް ދެވަނަ ހާފް ނިމެން އުޅެނިކޮށް ގާނާ ކުޅުންތެރިޔަކު ފޮނުވާލި މިބޯޅަ ސްއަރޭޒް އަތުން ނުޖެހިނަމަ ވަންނާނީ ގޯލުގެ ތެރެއަށެވެ. އަދި ވޯލްޑް ކަޕުގެ ސެމީފައިނަލުން ޖާގަ ހޯދައި އެފްރިކާގެ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފް ގާނާއަށް ލިބިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެން ދިޔައީހެވެ.
ބޯޅައިގައި އަތުން ޖެހުމުން ސްއަރޭޒަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލުމަށްފަހު ގާނާއަށް ޕެނަލްޓީ ދިނެވެ. އެހެންނަމަވެސް ޖިޔާން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
ފުރިހަމަ ވަގުތާއި އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ސެމީފައިނަލުން ޖާގަ ހޯދީ އުރުގުއޭއެވެ. މިއާއެކު ސްއަރޭޒް ވެގެން ގޮސްފައި ވަނީ އުރުގުއޭގެ ބަތަލަކަށެވެ. އަދި ގާނާގެ ހަތުރަކަށެވެ.
"ސްއަރޭޒް ކުށްވެރި ކުރާކަށް އަހަރެން ބޭނުމެއް ނޫން. އެވަގުތު ސްއަރޭޒްގެ މަގާމުގައި އަހަރެން ހުރިނަމަވެސް ކަންތައް ކުރާނީ ހަމައެގޮތަށް" 2010 ގެ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް ޖިޔާން ބުންޏެވެ."
ސްއަރޭޒްއަކީ އޭނާގެ ގައުމުގައި ބަތަލެއް. ގޯލަށް ވަންނަން ދިޔަ ބޯޅަ އޭނާ ދިފާއު ކުރީ އަތުން. އޭގެ ސަބަބުން ސެމީފައިނަލުން ގާނާއަށް ފުރުސަތު ގެއްލެން މެދުވެރިވެ އުރުގުއޭއަށް ސެމީފައިނަލުން ޖާގަ ލިބުނު. މިއީ ފުޓްބޯޅަ. އެހާދިސާއަށްފަހު އުރުގުއޭ ރައްޔިތުންނަށް ސްއަރޭޒް ބަތަލަކަށްވި. އަދި ގާނާގެ ރައްޔިތުން ދެކެން ފެށީ އޭނާއަކީ ހަތުރެއްކަމަށް. މިއީ ކުޅިވަރުގައި ކަންހިނގާ ގޮތް" ޖިޔާން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު