ސްޕެއިން ކޮޅަށް ބޮލުން ޖެހި ލަނޑަކީ މިހާތަނަށް ޖެހުނު އެންމެ މޮޅު ލަނޑު – ވެން ޕާސީ
މިފަހަރުގެ ވޯލްޑް ކަޕް ފުރަތަމަ މެޗުގައި ސްޕެއިން އަތުން 5-1 އިން މޮޅުވި މެޗުގައި ބޮލުން ކާމިޔާބު ކުރި ލަނޑަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި މިހާތަނަށް ކާމިޔާބު ކުރެވުނު އެންމެ މޮޅު ލަނޑުކަމަށް ނެދަލޭންޑްސް ގައުމީ ޓީމުގެ ނުރައްކާތެރި ފޯވާޑް އަދި ކެޕްޓަން ރޮބިން ވެން ޕާސީ ބުނެފިއެވެ.
އަރިމަތިން ނެގި ހުރަސް ވެންޕާސީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ސްޕެއިންގެ ބޮޑު އޭރިޔާގެ ރޮނގުމަތިން ކަހަލަގޮތަކަށް ބޮލުން ޖެހި "ޗިޕަކުން" ނެވެ. މިއީ ވޯލްޑް ކަޕުގެ ތާރިހުގައިވެސް މިހާތަނަށް ޖެހި އެންމެ މޮޅު އެއްލަނޑުގެ ގޮތުގައި ގިނަ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
"މިއީ އަހަރެންގެ ފުޓްބޯޅަ ހަޔާތުގައި މިހާތަނަށް ކާމިޔާބު ކުރެވުނު އެންމެ މޮޅު ލަނޑު" ވެން ޕާސީ ބުންޏެވެ.
"ބޯޅަ (ނެގި ހުރަސް) އަހަންނާ ހަމައަށް އައުމުގެ ކުރިން ކަސިޔަސް (އީކަރ ކަސިޔަސް، ސްޕެއިން ކީޕަރު) ގޯލަށް ވުރެ ބޭރަށް ނުކުމެ ހުރިތަން ފެނުނު. އަހަރެން އެބޯޅައިގައި ޖެހީ ބޮލުން. އެކަމަކު އެއީ މޮޅެތި ލަނޑުތަކުގެ ތެރޭގައި ގުނާލެވޭނެ ލަނޑެއް" ވެން ޕާސީ ބުންޏެވެ.
ކެރިޔަރުގެ ބޮޑު ބައި އާސެނަލްގައި ހޭދަކުރުމަށްފަހު މިދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ވެންޕާސީ ވަނީ އާސެނަލްއަށް ކުޅުނުއިރު ޗާލްޓަން އެތުލެޓިކް ކޮޅަށް ވޮލީއަކުން މޮޅު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ސްޕެއިން ކޮޅަށް ބޮލުން ޖެހި ލަނޑާއި ޗާލްޓަން އެތުލެޓިކް ކޮޅަށް ވޮލީއަކުން ޖެހިލަނޑުގެ ތެރެއިން މޮޅީ ކޮން ލަނޑެއްތޯ އެހުމުން ވެން ޕާސީ ބުނީ ސްޕެއިން ކޮޅަށް ޖެހި ލަނޑުކަމަށެވެ.
"އަހަރެން ޗާލްޓަން ކޮޅަށް ޖެހި ލަނޑު ހަނދާން އެބަހުރި. މިފަހަރު ސްޕެއިން ކޮޅަށް ޖެހި ލަނޑާއި ޗާލްޓަން ކޮޅަށް ޖެހި ލަނޑުގެ ތެރެއިން ކޮންމެވެސް އެއްލަނޑެއް އިހްތިޔާރު ކުރަން ޖެހިއްޖެނަމަ އިހްތިޔާރު ކުރާނީ ސްޕެއިން ކޮޅަށް ބޮލުން ޖެހި ލަނޑު" ވެންޕާސީ،29، ބުންޏެވެ.
"އެއީ ވޯލްޑް ކަޕުގައި ޖެހުނު ލަނޑަކަށް ވާތީ. އަދި އެލަނޑަކީ ދުނިޔޭގެ ޗެމްޕިއަން ކޮޅަށް ޖެހުނު ލަނޑަކަށްވީތީ" ވެން ޕާސީ ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު