ހިތުގައި ޖެހުނު ކުޑަ ކުއްޖާއަށް މެސީ ހިނިތުންވުން ގެނެސްދީފި
ގަސްދުގައި ސަލާމް ނުކުރި ކަމަށް ދެކެވޭ ވާހަކަތައް މެސީ ދޮގު ކުރޭމިފަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި ބޮސްނިޔާ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބައްދަލު ކުރި މެޗުގައި އާޖެންޓީނާގެ ކެޕްޓަން އަދި މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ "ސަލާމް ނުކުރުމުން" ހިތުގައި ޖެހިފައި ހުރި ކުޑަ ކުއްޖާއާ ބައްދަލުކޮށް މެސީ އެކުޑަ ކުއްޖާ ހިނިތުން ކޮށްލުވައިފިއެވެ.
ހިތްދަތިވެފައި ހުރި ކުޑަ ކުއްޖާއާއެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމުގެ ކުރިން މެސީ ވަނީ އެކުއްޖާއަށް އާޖެންޓީނާގެ ޖާޒީއެއް ދިނުމަށްފަހު އެޖުއްޖާއާއެކު ފޮޓޯ ނަގާފައެވެ. މެސީއާ ސަލާމް ކުރުމަށް އެކުޑަކުއްޖާ ސަލާމަށް އަތްދިއްކޮށްލީ ރެފްރީންނާއި އޮފިޝަލުންގެ ފަހަތުގައި ހަދާފައި މެސްކޮޓް ލައިނުގައި ހުރެފައި އެސަފް ދޫކޮށް ރެފްރީންގެ ސަފަށް އައުމަށްފަހުއެވެ. އެވަގުތު މެސީއަށް އެކުއްޖާ އަޅައިނުގަނެ ސަލާމް ކުރެވުނީ ރެފްރީންނާއި އަދި އޮފިޝަލުންނާއެވެ. ސަލާމް ކުރުމަށް އެކުޑަ ކުއްޖާ ދިއްކޮށްލި ކުޑަ ކުޑަ އަތް މެސީއަށް ނުފެނުމުން އެކުޑަ ކުއްޖާ ވަނީ އެނބުރި މެސްކޮޓް ސަފަށް ގޮސްފައެވެ.
އާޖެންޓީނާ އާއި ބޮސްނިޔާ ބައްދަލު ކުރި މެޗް ނިމުމުގެ ކުރިން ކުޑަ ކުއްޖާއާ މެސީ "ސަލާމް ނުކުރާ" ވީޑިއޯ ވަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި މީޑިޔާތަކާއި ސޯޝަލް މީޑިޔާގައި ހަލުވިކަމާއެކު ދައުރުވާން ފަށައިފައެވެ. އަދި ފާއިތުވެދިޔަ ދެދުވަހު ވަނީ މިމަކާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ބޮޑެތި ބަހުސްތައްވެސް ކޮށްފައެވެ.
ދުނިޔޭގެ މަޝްހޫރު ބައެއް މީޑިޔާތަކުގައި އެކުއްޖާއާ މެސީ ސަލާމް ނުކުރީ ގަސްތުގައި ކަމަށް ވަނީ ހަބުރުތައް ފަތުރާފައެވެ. ކުޑަ ކުދިންގެ ހައްގުގައި ދުނިޔޭގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރާ މެސީ ބުނީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.
"ކީއްވެ ކުޑަ ކުއްޖަކާ ސަލާމް ކުރަން އަހަރެން ބޭނުން ނުވާންވީ. އެކުއްޖާ އަހަންނަށް އަޅައި ނުގަތީ. އޮފިޝަލުންނާއި ސަލާމް ކުރުމަށްފަހު މެސްކޮޓް ސަފުގައި ތިބި ބައެއް ކުދިންނާއި އަހަރެން ވާހަކަވެސް ދެއްކިން. އަހަރެންގެވެސް އެވަރުގެ ފިރިހެން ކޮއްކޮއަކާއި ކުޑަ ފިރިހެން ދަރިޔަކުވެސް އެބަހުރި. އަހަރެންވެސް މިއީ އާއިލާއެއް ހިއްސާ ކުރާ މީހެއް. އެހެންވީމަ އަހަރެން ކީއްކުރަން ކުޑަ ކުއްޖަކާ ސަލާމް ކުރުމަށް ދެކޮޅު ހަދަންވީ" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދުމުގެ ޝަރަފް އޮތް ހަމައެކަނި ކުޅުންތެރިޔާ މެސީ ބުންޏެވެ.
މެސީ ބުނީ ތެދެއްކަން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯ ބަލާލުމުން އެނގެއެވެ.
ކިޔުންތެރިންގެ ހިޔާލު