ރަޝިޔާ އާއި ދެކުނު ކޮރެއާ ޕޮއިންޓަކުން ފުއްދާލައިފި
ބްރެޒިލްގައި މިހާރު ކުރިއަށްދާވޯލްޑް ކަޕުގައި ރަޝިޔާ އާއި ދެކުނު ކޮރެއާ ރޭ ބައްދަލު ކުރި މެޗް 1-1 އިން އެއްވަރުވެ ދެގައުމުވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ދެގައުމުގެ ފަރާތުންވެސް ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ދެކުނު ކޮރެއާ އިންނެވެ. މިލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީފޯވާޑް ލީކުއެންހޯއެވެ. މިލަނޑަށްފަހު ރަޝިޔާއިން ކުޅުން ވަރުގަދަކޮށް މެޗުގެ ނަތީޖާހަމަހަމަ ކުރީ 74 ވަނަ މިނެޓުގައި އެލެގްޒެންޑާ ކަޒަކޯވް ލަނޑުންނެވެ. މިލަނޑަށްފަހުލީޑް ނަގާނެ ރަނުގެ ދެފުރުސަތު ރަޝިޔާއަށް ލިބުނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުންރަޝިޔާ ގައުމީ ޓީމުގެ ކޯޗް ފަބިއޯ ކަޕެއްލޯ ބުނީ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށެވެ. "މުޅި މެޗުގައިވެސް ކުޅުންތެރިން ދެއްކީ އަހަރެންހިތްހަމަ ޖެހޭފަދަ ކުޅުމެއް، ހާއްސަކޮށް ކޮރެއާއިން ލަނޑެއް ޖެހުމާއެކު ހިތްވަރު ދޫކޮށްނުލާ ނަތީޖާ އެއްވަރު ކުރުމަށް ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސްދެން" މިދިޔަ ވޯލްޑް ކަޕުގައި އިންގްލެންޑަށް އިރުޝާދު ދިން ތަޖުރިބާކާރު ކޯޗް ކަޕެއްލޯ ބުންޏެވެ.
މީގެ އިތުރުން ކަޕެއްލޯ ބުނީދެކުނު ކޮރެއާއަށް ލަނޑުޖެހުނީ ރަޝިޔާގެ ޑިފެންޑަރުންގެ ހަރަކާތްތައް ލަސްވުމުން ކަމަށް ބުނެފައެވެ. "ކުރިއަށްހުރި މެޗުތަކުން ނަތީޖާއެއް ނެރެވޭނީ އެކަންތައްތައް ރަނގަޅު ކޮށްގެން" ކުރިން ރެއާލް މެޑްރިޑަށްވެސް އިރުޝާދުދީފައިވާ ކޯޗް ކަޕެއްލޯ ބުންޏެވެ.
ދެކުނު ކޮރެއާގެ ކޯޗް އަދި 2002 ގެ ވޯލްޑް ކަޕުގެ ސެމީފައިނަލަށް ކޮރެއާ ގެންގޮސްދިން ކެޕްޓަން ހޮންގް މިޔޮންބޯބުނީ ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށާއި ކޮރެއާ އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ. "އަހަރެމެން މަސައްކަތް ކުރީ ކޮރެއާގެ އަސްލު ސްޓައިލްގައި ރޭވުންތެރި ކަމާއެކު ކުޅެމް. އެކަން ކާމިޔާބު ކުރެވިއްޖެ" 2002 ގެ ވޯލްޑްކަޕުގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިޔޮންބޯ ބުންޏެވެ.
މިމެޗް އެއްވަރުމުން މިގްރޫޕް (ގްރޫޕް އެޗް) ގެ އެއްވަނައިގައި އޮތީ ބެލްޖިއަމްއެވެ. ބެލްޖިއަމް ވަނީ ރޭއަލްޖީރިއާ އަތުން 2-1 އިން މޮޅުވެފައެވެ.
X
ކިޔުންތެރިންގެ ހިޔާލު