ސްކޮލާރީގެ ތައުރީފް މެކްސިކޯ ކީޕަރަށް

image ބުރެޒިލްގެ ވަރުގަދަ ހަމަލާއެއް މެކްސިކޯގެ ކީޕަރު ދިފާއުކުރަނީ

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖް ދެވަނަ މެޗުގައި ރޭ މެކްސިކޯއާ ވާދަކޮށް ލަނޑެއްނުޖެހި އެއްވަރުވީ އެޓީމުގެ ކީޕަރު ގުއިލާމޯ އޮޗޯއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންކަމަށް ބުނެ ބްރެޒިލްގެ ކޯޗް ފިލެޕް ސްކޮލާރީ އޮޗޯއާއަށް ތައުރީފް ކޮށްފިއެވެ.

ބްރެޒިލްގެ އެންމެ ހިތްގައިމު އެއްސިޓީ ކަމުގައިވާ ފޯޓަލެޒާގެ އެސްޓާޑިއޯ ކަސްޓެލާއަށް ވަދެތިބި ފަސްދޮޅަސްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ބްރެޒިލްއިން ފޮނުވާލި ނުރައްކާތެރި 4 ހަމަލާއެއް އޮޗޯއާ ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ކީޕަރެއްގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅެތި ސޭވްތައް ކަންވެސް ފާހަގަ ކޮށްލެވެއެވެ.

މީގެ ތެރެއިން ފުރަތަމަ ހަމަލާއަކީ ނުރައްކާތެރި ފޯވާޑް ނޭމާ ފުރަތަމަހާފުގައި ބޮލުން ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލި ހަމަލާއެކެވެ. އޮޗޯއާ މިހަމަލާދިފާއުކުރީ ގޯލު ލައިން މަތިންނެވެ. ދެވަނަ ހަމަލާއަކީ ޕައުލިންހޯ ފުރަތަމަހާފުގައި ހުހަށްހުރެ ފޮނުވާލި ހަމަލާއެކެވެ. ތިންވަނަ ހަމަލާއަކީ ތަޖުރިބާ ކާރުޑިފެންޑަރު އަދި ކެޕްޓަން ތިއާގޯ ސިލްވާ ދެވަނަ ހާފުގައި ބޮލުން ފޮނުވާލި ހަމަލާއެވެ. ހަތަރުވަނަ ހަމަލާއަކީ ގޯލުގެ އަރިމަތީ ކަނަށް ދެވަނަ ހާފުގައި ނޭމާ ފޮނުވާލި ހަމަލާއެވެ.

"އަހަރެން އޭނާ (ގުއިލާމޯ އޮޗޯއާ) ގަޔައެއް ނުވޭ. އޭނާގެ ފަރާތުންފެނުނީ އާދަޔާ ހިލާފް މޮޅު ކުޅުމެއް. ވަރަށް ހަމަޖެހިގެން އިތުބާރާއެކު އޭނާގެ ހަރަކާތްތައް ފެނިގެންދިޔައީ. އޭނާއަކީ މިމެޗުގެ މޮޅު ކުޅުންތެރިޔާ" މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްކޮލާރީ ބުންޏެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި އޮޗޯއާވެސް ވަނީ ބްރެޒިލާ ދެކޮޅަށް ދެއްކުނު ކުޅުމާމެދު ފަހްރުވެރިވާ ކަމަށް ބުނެފައެވެ. "މިއީއަހަރެންގެ ހަޔާތުގެ އެންމެ ފާހަގަ ކޮށްލެވޭ މެޗް" ފްރާންސްގެ އަޖައްސިއޯ އާހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާ އޮޗާއޯ ބުންޏެވެ.

މިގްރޫޕް (ގްރޫޕް އޭ) ގެ ކުރީގައި 4 ޕޮއިންޓާއި ފައިދާ ދެލަނޑާއެކު ބްރެޒިލް އޮތްއިރު ދެވަނައިގައި މެކްސިކޯ އޮތީ 4 ޕޮއިންޓާއި ފައިދާ އެއްލަނޑާ އެކުއެވެ. މިގްރޫޕުގައި މިރޭ ބައްދަލު ކުރާނީ ފުރަތަމަ ކުޅުނު މެޗުން ބަލިވެފައިވާ ދެގައުމު ކަމުގައިވާ ކްރޭޝިޔާ އާއި ކެމަރޫންނެވެ.

މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ފަތިހު 3:00 ގައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް