ގާނާ ބަލިކޮށް އެމެރިކާއަށް އުއްމީދީ ފެށުމެއް

ބްރެޒިލްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގައި ގްރޫޕް "ޖީ" ގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ގާނާ 1-2 އިން ބަލިކޮށް އުއްމީދީ ފެށުމެއް ހޯދައިފިއެވެ.

އެސްޓާޑިއޯ ޑަސް ޑުނަސްގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު 30 ވަނަ ސިކުންތުގައި ކާމިޔާބުކޮށް އެމެރިކާއަށް ލީޑް ނަގައިދިނީ ތަޖުރިބާކާރު ފޯވަޑް އަދި ކެޕްޓަން ކްލައިންޓް ޑެމްޕްސީއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ. އަދި ވޯލްޑް ކަޕުގެ ތާރިހުގައި 5 ވަނައަށް އެންމެ އަވަހަށް ޖެހި ލަނޑެވެ.

ގާނާއިން ވަނީ ފުރަތަމަ ހާފުގައި މެޗް ކޮންޓްރޯލްކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އެމެރިކާގެ ގޯލަށް ފޮނުވާލާފައެވެ. މީގެ ތެރެއިން ދެހަމަލާ އެމެރިކާގެ ކީޕަރު ވެބް ހަވާޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެންމެފަހުގެ ވޯލްޑް ކަޕުގެ ކުއާޓާފައިނަލުގައި ކުޅެފައިވާ ގާނާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 82 ވަނަ މިނެޓުގައި ހުނަރުވެރި މިޑްފީލްޑަރު އަންދްރޭ އަޔުވްއެވެ. ގާނާއިން ނަތީޖާ ހަމަހަމަ ކުރުމަށްފަހު ހަމަޖެހި ނުލެވި އުޅެނިކޮށް އެމެރިކާ ދެވަނަ ފަހަރަށް ލީޑް ނެގީ 86 ވަނަ މިނެޓުގައި ޖޯން ބްރޫކްސްއެވެ.

ގާނާ އަތުން ލިބުނު މުހިއްމު ތިން ޕޮއިންޓާއެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވަނީ ކޯޗް ޔޯހަން ކްލިންސްމަނަށެވެ. މިމެޗަކީ ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކްލިންސްމަންގެ އިރުޝާދުގެ ދަށުން އެމެރިކާ ކުޅުނު 50 ވަނަ މެޗެވެ. އަނެއް ކޮޅުން އެންމެފަހުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ގާނާ އަތްދަށުވެ އެމެރިކާ ކެޓިއިރުވެސް އެމެރިކާގެ ކޯޗަކަށް ކްލިންސްމަނެވެ.

" މިއީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބެއް. މިއީ ރަގަޅު ފެށުމެއް. ޓީމުގައި ރަގަޅު ކުރަންވީ ކަންތައްތައް އަދިވެސް އެބަހުރި. އަހަރެމެންގެ އުއްމީދަކީ އެކަންތައްތައް ރަގަޅުކޮށް މުބާރާތުގައި ރަގަޅު ކާމިޔާބެއް ހޯދުން. ކުޅުންތެރިން ތެރޭގައި މޮޅުވުމުގެ ރޫހް އެބަހުރި" 1990 ގެވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކްލިންސްމަން ބުންޏެވެ.

ގާނާގެ ކޯޗް ޖޭމްސް ކްވެސީ އަފިއާ ބުނި ބަލިވުމުގެ މައިގަނޑު ސަބަބަކީ ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުންކަމަށެވެ. "ކިތައްމެ މޮޅަށް ކުޅުނަސް ލިބޭ ލަނޑު ނުޖެހެންޏާ މޮޅުވާނީ ކިހިނެއް. ލަނޑުހަން ހާސްފުރުސަތު ލިބި ބޭކާރު ވެގެންދިޔައީ" ލަނޑުޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުމުން ހިތްހަމަ ނުޖެހިފައި ހުރި އަފިއާ ބުންޏެވެ.

މިގްރޫޕުގައި ދެން ހިމެނެނީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެބާރު ކަމުގައިވާ ޖަރުމަނާއި ޕޯޗުގަލްއެވެ. މިދެގައުމު ބައްދަލު ކުރި މެޗް 4-0 އިން ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނެވެ.

މިގްރޫޕުގައި އެމެރިކާ ދެން ބައްދަލު ކުރަނޖެހޭނީ ޕޯޗުގަލްއާއެވެ. ގާނާ ނިކުންނާނީ ޖަރުމަނާ ދެކޮޅަށެވެ. މިދެމެޗްވެސް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް