ކްރިސްޓަލް ޕެލަސް ބަލިކޮށް ވަގުތީ ގޮތުން ލިވަޕޫލް ތާވަލުގެ ކުރިއަށް ޖެހިލައިފި

image ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑު ޕެނަލްޓީއަކުން ރޭ ލަނޑުޖެހި

އިނގިރޭސި ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ރޭ ކްރިސްޓަލް ޕެލަސް 3-1 އިން ބަލިކޮށް ވަގުތީ ގޮތުން ތާވަލުގެ ކުރިއަށް ލިވަޕޫލް ޖެހިލައިފިއެވެ.

މުޅި މެޗުގައިވެސް އަވަސް މޮޅު ކުޅުމެއް ދެއްކި ލިވަޕޫލުން މެޗުގެ ލީޑް ނެގީ 13 ވަނަ މިނެޓުގައި އުރުގުއޭގެ ބައިނަލްއަގުވާމީ ފޯވާޑް ލުއިޒް ސްއަރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ 10 މެޗުގެ ސަސްޕެންޝަނަށްފަހު އެނބުރި އައިސް ލީގުގައި އޭނާ ކުޅެދިން 2 މެޗުގައި ކާމިޔާބު ކުރި 3 ވަނަ ލަނޑެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ކްރިސްޓަލް ޕެލަސްއިން މަސައްކަތް ކުރަމުން ދަނިކޮށް ލިވަޕޫލްއިން އުފެއްދި ކައުންޓަރ އެޓޭކުގައި ދެވަނަ ލަނޑު 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނި އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ސްޓްރިޖެވެ. އޭރިޔާގެ އެތެރެއިން ސްޓްރިޖަށް ލިބުނު ބޯޅަ ކްރިސްޓަލް ޕެލަސްގެ ގޯލުގެ ދާގަނޑުގައި ތަތްކޮށްލީ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މިއީ ލީގުގައި ސްޓްރިޖް ކާމިޔާބު ކުރި 7 ވަނަ ލަނޑެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެޕްޓަން ސްޓީވެން ޖެރާޑެވެ. މިއީ އޭރިޔާގެ ތެރެއިން އިނގިރޭސި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ވިންގަރ ސްޓާލިންއަށް ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރަކު ކުރި ކުށަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. ކްރިސްޓަލް ޕެލަސްގެ ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑްވައިޓް ގޭލްއެވެ.

މިމޮޅާއެކު ތާވަލުގެ އެއްވަނައިގައި ވަގުތީ ގޮތުން ލިވަޕޫލް އޮތީ 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އާސެނަލް އޮތީ ލިވަޕޫލަށް ވުރެ މަދުން އެއްމެޗް ކުޅެ 15 ޕޮއިންޓާއެކުއެވެ.

ތާވަލުގެ ތިންވަނައިގައި އޮތީ ރޭ ފަހަތުން އަރައި އެވަޓަން އަތުން 3-1 އިން މޮޅުވި މެންޗެސްޓަރ ސިޓީއެވެ. ރޮމެލޫ ލުކަކޫގެ ލަނޑުން އެވަޓަން ކުރި ހޯދާފައި ވަނިކޮށް މެން.ސިޓީއަށް ތިން ޕޮއިންޓް ހޯދައި ދިނީ ސްޕެއިން ގައުމީ ޓީމުގެ ފޯވާޑް އަލްވާރޯ ނެގްރެޑޯ އާއި އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ. މެން.ސިޓީގެ ތިންވަނަ ލަނޑަކީ އަގުއޭރޯ ފޮނުވާލި ޕެނަލްޓީއެއް މަތަކުރަން އުޅުމުގެ ތެރޭގައި އެވަޓަންގެ ކީޕަރު ޓިމް ހަވާޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެން.ސިޓީ ތިންވަނައިގައި އޮތީ 13 ޕޮއިންޓާއެކުއެވެ. އެވަޓަން 5 ވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޑްރަން ބެންޓުގެ ލަނޑުން ސްޓޯކް ސިޓީ އަތުން 1-0 އިން ފުލަމް ވަނީ މޮޅުވެފައެވެ. ލޮއިކް ރިމޭގެ ދެލަނޑުން ކާޑިފް ސިޓީ އަތުން 3-1 އިން ނިއުކާސަލް މޮޅިވިއިރު ހަލްސިޓީ އާއި އެސްޓަންވިލާ ބައްދަލު ކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement